ރާއްޖޭގެ ޖުމްހޫރީވެރިކަން





ދުނިޔޭގެ މީހުން އުޅެމުންއައިސް ސޮސައިޓީތަކާ ތަހުޒީބުތައް ގާއިމްވާންފެށުމާއެކު ވެރިކަން ހިންގާނެ ގޮތްތަކެއްވެސް ގާއިމްވާންފެށި. މިގޮތަށް ވެރިކަމުގެ އުސޫލުތައް މަޑުމަޑުން ގާއިމްވަމުން އައިސް ހުރިހާ ހިސާބެއްގައިހެން އެންމެކުރިން ހަމަޖެހުނީ ރަސްކަމުގެ އުސޫލު. މިނޫން ވެރިކަމެއްގެ އުސޫލު ރަނގަޅުވާނެ ކަމުގެ ޚިޔާލު ފުރަތަމަ ފާޅުކުރެއްވި ކަމަށް ބުނެވެނީ ގްރީސްގައި ވަރަށް ކުރިން އުޅުއްވި މަޝްހޫރު ފިލޯސަފަރެއް ކަމަށްވާ ޕްލޫޓޯ. އޭނާ ލިޔުއްވި ރިޕަބްލިކް ކިޔާ ފޮތުގައި މިއުސޫލްތަކުގެ މައްޗަށް ޚިޔާލުފާޅުކުރައްވާފައިވޭ. ބިނާވެފައިވަނީ މިނިވަން ޚިޔާލާއި ވެރިކަން ހިންގުމުގައި ރައްޔިތުންގެ ބަސްކިޔުން އޮންނަ ގޮތްތައް. އެންމެ ކުރިން މިޚިޔާލުތައް ތަޖުރިބާކުރުމުގެ ގޮތުން އަމަލްކޮށްފައިވަނީވެސް ގްރީސް އާއި ރޯމްގައި. ޖުމްހޫރީ ވެރިކަން މިޒަމާނަށް ރައްދުކުރަންފެށޭ ހިސާބަކީ އެމެރިކާގެ އިންގިލާބް ނުވަތަ އިނގިރޭސި ރަސްކަމުން އަމިއްލައަށް ވަކިވެ ޖުމްހޫރީވެރިކަމެއް އުފެއްދުމާއި ފަރަންސޭސި އިންގިލާބްކަމަށް ބައެއް ފަރާތްތަކުން ބަޔާންކުރޭ. ކޮންމެއަކަސް މިހާރަށްބަލާއިރު މީވެރިކަމުގެ އެންމެ އާންމު އުސޫލުކަމަށް ދެންނެވިދާނެ.
އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ތާރީޚު އެނގެން ފެށީއްސުރެވެސް އޮންނަނީ ރަސްކަމެއް. މިރަސްކަމަކީ އާއިލާގެ މަތިން އަންނަ ވެރިކަމެއް. ވެރިކަމުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ރަސްގެފާނުގެ ކިބައިން. ގާނޫނު އަސާސީއެއް އެދުވަސްވަރަކު ނޯވޭ. އެހެންނަމަވެސް ރަސްރަސްކަލުން އިސްކުރުމާއި ވެރިކަން ހިންގެވުމާއި ބެހޭ އާދަކާދަތައް ހުރޭ.
ކޮންމެއަކަސް މިގޮތަށް ރަސްކަމެއް އޮންނަ އުސޫލުން ވެރިކަން ހިނގަމުންއައިސް މިގަރުނަށް އެޅުނުއިރުގައިވެސް ރާއްޖޭގައި އޮތީ ރަސްކަމެއް. 1932 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ގާނޫނު އަސާސީ އިއުލާންކުރެވި ގާނޫނީ ސަރުކާރެއް އުފެދުނު. މިގޮތަށް ހަމަޖެހުމުންވެސް ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވަނީ ރަސްގެފާނު. މިކަހަލަ ގޮތަކަށް ވެރިކަމުގެ ކަންކަން ހިނގަމުން އައިސް ދެވަނަ ބޮޑުހަނގުރާމަ ފެށުނު ދުވަސްވަރުވެސް ރާއްޖޭގައި އެންމެ އިސްވެރިއަކަށް ހުންނަވަނީ ރަސްކަލެއް. އެދުވަސްވަރު ތަހުތުހުސްވި ދުވަސްކޮޅެއްވެސް ދިޔަ. އެހެންނަމަވެސް ރަސްކަމަށް ބޭފުޅަކު އިސްކުރުމުގެ ކަންތައްތައް ދިޔައީ ކުރަމުން. އެދުވަސްވަރު ސަރުކާރު ހިންގެވުމުގެ މަސައްކަތާ ހަވާލުވެވަޑައިގެން އުޅުއްވީ އަލްއަމީރު މުހައްމަދު އަމީން. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ޚިޔާލްފެށުނު ދުވަސްވަރަކީ މީކަމަކުގައިވެސް ވެސް ވެދާނެ. ތަހުތު ހުސްކޮށްހުރުމާއި ތަހުތަށް އިންތިހާބު ކުރެވިފައިވާ ފަރާތް ރާއްޖޭން ބޭރުގައި އަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ އެންމެ މަތީ ވަލީގެ ކަންތައް ހަމަޖައްސަން ބޭނުންވީ ސަރުކާރު ހިންގަވަން އެންމެ އިސްކޮށް ހުންނެވި އަލްއަމީރު މުހައްމަދު އަމީން ރަސްކަލެއްގެ ގޮތުގައި ހުންނަވައިގެން އޭނާގެ މަސައްކަތްޕުޅު ކުރިޔަށް ގެންދެވޭނެކަމަށް ފެނިވަޑައިނުގަތީ ކަމަށްވެސް ވެދާނެ. ކޮންމެއަކަސް އާންމުވޯޓަކަށްފަހު 1953 ގައި ރާއްޖޭގެ ފުރަތަމަ އުފެދިއްޖެ. 1 ވަނަ ޖުމްހޫރިއްޔާގެ ރައީސުލް ޖުމްހޫރިއްޔާއަކަށް އިންތިޚާބު ކުރެވިފައިވަނީ އަލްއަމީރު މުހައްމަދު އަމީން. ޖުމްހޫރީ ވެރިކަމެއް ގާއިމްކުރުމުގެ ރަސްމިއްޔާތާ އިޙްތިފާލްތައް ވަރަށް ކުލަގަދަ ގޮތެއްގައި ބޭއްވުނު. ބޭރުގެ ބައެއް ގައުމުތަކުގެ މެހެމާނުންނާއި އަތޮޅުތަކުގެ ވަފްދުތައްވެސް މިއިޙްތިފާލްތަކުގައި ބައިވެރިވި. ޖުމްހޫރީވެރިކަމެއް އިއުލާންކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ޚާއްސަ ދަރުބާރުގެއެއްގައި . މިކަމަށްޓަކައި މާލެ އެކަށީގެންވާ ގޮތެއްގައި ޒީނަތްތެރި ކުރެވުނު. އަދި އެކި ހަފްލާތައް ބޭއްވުނު.
ކޮންމެ އަކަސް ފުރަތަމަ އުފެދުން ވަރަށް ކުލަގަދަ ގޮތެއްގައި އައިކަމަށް ވިޔަސް މިވެރިކަން މާގިނަދުވަހު އޮންނަގޮތެއް ނުވި. ފަހަރެއްގައި ކުރެވުނު އުއްމީދުތަކާއި ހަގީގަތާ މާދުރުވާ ގޮތްވީ ނޫންކަމެއްވެސް ނޭނގެ. އާދެ 7 މަހާއި 26 ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ގެނެވުނު އިންގިލާބަކަށްފަހު ވެރިކަން ބަދަލުވެ ފުރަތަމަ ޖުމްހޫރިއްޔާ ނިމުމަކަށް އަތުވެއްޖެ.
ފުރަތަމަ ޖުމްހޫރިއްޔާ އުވުމާއި ގުޅިގެން އަނެއްކާވެސް ދެން އުފެދުނީ ރަސްކަމެއް. ރަސްކަލަކަށް އިސްކުރެވުނީ އައްސުލްތާން މުހައްމަދު ފަރީދުލް އައްވަލް. އެހެންނަމަވެސް މިއީ އިންތިޚާބީ ރަސްކަމެއް. ދައުލަތުގެ އެންމެ މަތީ ވެރިއަކަށް ރަސްގެފާނު ހުންނެވިނަމަވެސް ސަރުކާރު ހިންގެވުމުގެ ވެރިޔަކަށް ހުންނަވަނީ ވަޒީރުލް އައުޒަމް. މިގޮތުގެ މަތީން ވެރިކަން ހިނގަމުން އައިސް 1965 ވަނަ އަހަރު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 3 އަހަރުވީތަނާ އަނެއްކާވެސް ޖުމްހޫރިއްޔާއެއް ގާއިމްކުރުމުގެ ޚިޔާލު ހިނގަންފަށައިފި. މިފަހަރުވެސް މިކަމަށް ގޮތެއް ކަނޑައެޅުނީ ރާއްޖޭގައި ބާއްވަން ފެންނަނީ ޖުމްހޫރިއްޔާއެއްތޯ ނުވަތަ ރަސްކަމެއްތޯ ބެލުމަށް ނެގުނު އާންމު ވޯޓަކަށްފަހު. އާންމުވޯޓުގެ ތަނަވަސް އަޣުލަބިއްޔަތުން ނިމުނީ ޖުމްހޫރިއްޔާއެއް އުފެއްދުމަށް. ރިޔާސީ އިންތިޚާބަށްފަހު 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމްކުރެވުނު. ރައީސުލް ޖުމްހޫރިއްޔާކަމަށް އިސްކުރެވުނީ ބޮޑުވަޒީރުކަމުގައި އޭރު ހުންނެވި އަލްފާޟިލް އިބްރާހިމް ނާސިރު.
އާދެ ރާއްޖޭގެ ރައްޔިތުންގެ ޚިޔާލާވެސް އެއްގޮތްވާ ގޮތުގެ މަތީން 1968 ވަނަ އަހަރު ގާއިމްކުރެވުނު 2 ވަނަ ޖުމްހޫރިއްޔާ ރާއްޖޭގައި މިހާރުވެސް ހިނގަމުންމިދަނީ. 2 ވަނަ ޖުމްހޫރިއްޔާގެ ރައީސްކަން 2 ދައުރު ވަންދެން އަލްފާޟިލް އިބްރާހިމް ނާސިރު ފުރުއްވުމަށްފަހު ރައްޔިތުންގެ މަޖްލިސްއިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮވަންފެންނަކަމަށް ފާސްކޮށް ރައްޔިތުންގެ އާންމު ވޯޓުގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އިންތިޚާބުކޮށް 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުންފެށިގެން ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް އިސްވެވަޑައިގަތީ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް. 30 އަހަރުގެ ދިގުވެރިކަމަކަށްފަހު ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތު ލިބިގެން މިހާރު ރާއްޖޭގެ ވެރިކަން ކުރައްވަނީ މުޙައްމަދު ނަޝީދު.

No comments:

Post a Comment